١٥.٥.١٠

ރޭލުގެ ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިއާގެ ވާހަކަ

Here is the beginning of my post. And here is the rest of it.ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ރޭލުގައި ދަތުރުކުރި ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިޔާގެ ވާހަކަ އަޑުއެއްސެވިންތޯއެވެ؟
މިވާހަކަ ކުރިން އަޑުއައްސަވާފައި ނުވާނަމަ، ކުރިޔަށް ގެންދަވާށެވެ!
މިއީ، ވަރަށް ރީތި، ވާހަކައެކެވެ.
އަދި އެހައިމެ، ޝައުޤުވެރި ކުރުވަނިވި ވާހަކައެކެވެ.
މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ވާހަކައެކެވެ.
މިއީ، ދަތުރުކުރަމުން ދިޔަ ރޭލެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއްގެ ތެރެއިން އުފެދިގެން އައި ވަރަށް ޢިބްރަތްތެރި ވާހަކައެވެ.


ފުރަން ތައްޔާރުވެއްޖެކަން އެންގުމަށްޓަކައި ހަރުއަޑުން ރޭލުގެ ބަރުގޮނު އަޅަން ފަށައިފިއެވެ. އެއަޑު އިވުމާއެކު، އެންމެހައި ދަތުރުވެރިން އަވަސް އަވަހަށް ރޭލަށް އެރިއެވެ. އެމީހުންނާއެކު ރޭލަށް ނޭރުނު މުސްކުޅި ދަތުރުވެރިޔަކު ވިއެވެ. އެމީހުންނާއެކު، އޭނާއަށް ރޭލަށް ނޭރުނީ، އޭނާއަށް އާދެވުނުލެއް ތަންކޮޅެއް ފަސްވީމައެވެ. ނަސީބު ރަނގަޅު ކަމުން، ރޭލު ފުރުމުގެ ކުރިން އެއަށް އެރުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. ނަމަވެސް އޭރު ރޭލުގެ ހުރިހައި ބައިތަކެއް ވަނީ، ފުރިފައެވެ. އެހެންކަމުން، އޭގެ ތެރެއިން އިށީންނާނެ ތަނެއް ލިބޭތޯ އޭނާ މަސައްކަތްކުރިއެވެ.

ރޭލުގެ ފުރަތަމަ ބަޔަށް ވަދެ، ހުސް ގޮނޑިއެއް ފެނޭތޯ އޭނާ ނަޒަރު ހިންގާލިއެވެ. އެ ބައިން، އޭނާއަށް ފެނުނީ، ކުޅިވަރު ކުޅެން ތިބި ކުޑަކުދީންތަކެކެވެ. ދެން އެކުދީންނަށް ސަލާމް ގޮވާލިއެވެ. ހައިބަތުހުރި މުސްކުޅިޔާ ފެނުމުން އެކުދީން، އޭނާއަށް ކުރުނީސްކޮށް އަދަބު ތަޢުޡީމު އަދާކުރިއެވެ. އޭނާގެ މޫނުގައިވާ އުޖާލާކަމާއި ނޫރާނީ ސާފުކަމެއްގެ ސަބަބުން، އެކުދީންގެ ހިތްތަކުގައި އޭނާއަށް ވަރަށް މަތިވެރި މަޤާމެއް ދެވުނެވެ. އެކުދީން އޭނާއަށް މަރްޙަބާ ކިޔައި އިސްތިޤުބާލުކުރިއެވެ.

ދެން އެކުދީންނާއެކު ރޭލުގެ ފުރަތަމަ ބައިގައި އިށީނަސް އެންމެ ރަނގަޅުތޯ މުސްކުޅިޔާ އެހުމުން، އެކުދީން ޖަވާބުދިނެވެ.

ތިޔަފަދަ ބޭކަލަކަށް ވަރަށް މަތިވެރި ލޯތްބާއި ޤަދަރު، އަޅުގަނޑުމެންގެ ހިތްތަކުގައި ދެވިފައި ވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނީ، ކުޑަ ކުދީންތަކަކީމުއެވެ. އަޅުގަނޑުމެންގެ މި ޢުމުރަކީ، އެންމެ ބޮޑަށް ސަކަރާތްޖަހައި، ކުޅިވަރު ކުޅޭހިތްވާ ޢުމުރެވެ. އެހެންވީމާ، އަޅުގަނޑުމެންނާއެކު، ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، ކުޅިވަރުކުޅެ ސަކަރާތްޖެހުމަކީ، ހިތުހުރި ގޮތަކަށް އަޅުގަނޑުމެންނަށް ކުރެވޭނެ ނޫނެވެ. ވީމާ، މި ރޭލުގެ ދެވަނަ ބަޔަށް ވަޑައިގެންނެވުން ކީއްތޯއެވެ؟ އެބައިގައި ތިބި ބޮޑެތި ކުދިން ކަލޭގެފާނަށް ޖާގަ ދޭ ހިތް ވާނެއެވެ.

ދެން އެ ހައިބަތު ހުރި މުސްކުޅިޔާ، ރޭލުގެ ދެވަނަ ބަޔަށް ދިޔައެވެ. އެބައިގައި ތިބީ ސާނަވީ މަރުޙަލާގައި ކިޔަވާވަރުގެ ބޮޑެތި ކުދީންނެވެ. އެކުދީންގެ އަތުގައި ކަލްކިއުލޭޓަރތަކާއި ތިނެސްކަން ފަތިކޮޅުތައް ވިއެވެ. އެކުދީން މަޝްޣޫލުވެގެން ތިބީ، ހިސާބު ހެދުމާއި ފިޒިކްސްގެ ނަޒަރިއްޔާތަކާ ބެހޭގޮތުން ވާހަކަދެއްކުމުގައެވެ.

ހައިބަތުހުރި މުސްކުޅިޔާ އެކުދިންނަށް ސަލާމްގޮވާލުމުން، އެކުދީން އޭނާގެ މޫނަށް ބަލާލިއެވެ. އެހިނދު އެކުދީންގެ ހިތްތަކަށް ވެރިވި އުފަލާއި ހިތްހަމަޖެހުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އަދަބު ތަޢުޡީމު އަދާކޮށް އެކުދީން އެ އޭނާއަށް މަރްޙަބާކިޔައި އިސްތިޤުބާލުކުރި އެވެ.

ހައިބަތުހުރި ޢިއްޒަތްތެރި ސާހިބާއެވެ! އިޚުލާޞްތެރިކަމާއެކު ކަލޭގެފާނަށް އަޅުގަނޑުމެން މަރްޙަބާ ދަންނަވަމުއެވެ. ދެން އެކުދީންނާއެކު، ރޭލުގެ އެބައިގައި އޭނާ އިށީނަސް އެންމެ ރަނގަޅުތޯ، އޭނާ އެހުމުން އެކުދީން ޖަވާބުދިނެވެ.

އަޅުގަނޑުމެންނާއެކު، ކަލޭގެފާނު މިބައިގައި އިށީންނެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ނަމަވެސް އަޅުގަނޑުމެން މިތިބީ، ސައިން އާއި ކޮސައިންގެ ހިސާބުތަކެއް ހެދުމުގައި މަޝްޣޫލުވެގެންނެވެ. އަޅުގަނޑުމެން ތިނެސްކަނުގެ ހިސާބުތައް ހަދައި، ފިޒިކްސްގެ މައްސަލަތަކާ ބެހޭގޮތުން ޑިސްކަސްކުރަމުން ދާއިރު، ބައެއް ފަހަރު އެކި ކުދިންގެ ޚިޔާލު ތަފާތުވެއެވެ. ދެން ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ފެންނަގޮތް ދިފާޢުކުރަންވެގެން ވާހަކަ ދައްކާއިރު، އަޑުގަދަވާތަން އާދެއެވެ. ކަންމިހެން ހުރުމާއެކު، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު އަޅުގަނޑުމެންނާއެކު އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެން ކުރަމުން މިގެންދާ މުނާޤަޝާތައް ކުރަން ދަތިވެދާނެތީ ވެސް ޖެހިލުންވަމުއެވެ. އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ، ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނަކަށެވެ. ވީމާ، ރޭލުގެ މިބަޔާ ޖެހިގެން އޮތް ބަޔަށް ވަޑައިގެން ބައްލަވާށެވެ! ކަލޭގެފާނުގެ އުޖާލާ މޫނުފުޅު ދެކޭ ކޮންމެ މީހަކުމެ، ކަލޭގެފާނާއެކު އެއްތަނެއްގައި އިށީނުމުގެ ޝަރަފު ލިބިގަތުމަށް ޝައުޤުވެރިވާނެއެވެ.

ދެން އެ ހައިބަތު ހުރި މުސްކުޅިޔާ، ރޭލުގެ ދެން އޮތް ބަޔަށް ދިޔައެވެ. މިބައިން ހުސް ގޮނޑިއެއް ފެނުނީ، ޒުވާން ފިރިހެނަކާއި އަންހެނެއްގެ ކައިރިންނެވެ. އެއީ އަލަތު ކާވަނީގައި، ހަނީމޫނަށްދާ ދެމަފިރީން ކަހަލައެވެ. ހުނުމާއި ރޮމޭންޓިކް ބަސްތަކާއި ލޯބީގެ ޙަރަކާތްތައް އެ ދެ ޒުވާނުންގެ ކިބައިން އުތުރު އަރަމުން ދިޔައެވެ.

މުސްކުޅިޔާ، އެ ދެ ޒުވާނުންނަށް ސަލާމް ގޮވާލިއެވެ. އެހިނދު އެ ދެ ޒުވާނުން މުސްކުޅިޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. ދެން އެ ތަނުގައި އިށީނަސް އެންމެ ރަނގަޅުތޯ މުސްކުޅިޔާ އެހުމުން، އެ ދެ ޒުވާނުން ޖަވާބުދިނެވެ.

އަޅުގަނޑުމެންނީ، އަލަތު ކާވަނީގައި ހަނީމޫނަށް ދާ ދެމަފިރިޔަކީމުއެވެ. އަޅުގަނޑުމެން މިތިބީ ވަރަށް ރޮމޭންޓިކް ޖައްވެއްގައެވެ. ޒުވާންކަމުގެ ރޫޙެއްގައި އަދި ސަމާސާ ވިސްނުމެއްގައެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، އަޅުގަނޑުމެން ދައްކަމުން މިގެންދާ ރޮމޭންޓިކް ވާހަކަތަކާއި، ކުރަމުން މިގެންދާ ލޯބީގެ ޙަރަކާތްތައް ކުރަން ލަދުވެތިވަމުއެވެ. މި ރޭލުގައިވާ ކޮންމެ މީހަކުވެސް ކަލޭގެފާނާއެކު އެއްތަނެއްގައި އިށީނުމުގެ ޝަރަފު ލިބިގަތުމަށް ޝައުޤުވެރިވާނެއެވެ.

ޒުވާން ދެމަފިރިން މިހެން ބުނުމުން، އެހެން ތަނަކުން ޖާގައެއް ލިބޭތޯ ބެލުމަށްޓަކައި، ދެން ޖެހިގެން އޮތް ބަޔަށް ހައިބަތުހުރި މުސްކުޅިޔާ ދިޔައެވެ. އެބައިން ހުސްޖާގައެއް ފެނުނީ، ޢުމުރުން ތިރީހުގެ އަހަރުތަކުގެ ފަހުކޮޅުގައިވާ ދެ މީހެއްގެ ކައިރިންނެވެ. އެ ދެމީހުންގެ އަތުގައި، ބިންތަކުގެ ޗާޓުތަކަކާއި މަޝްރޫޢުތަކާ ބެހޭ ލިޔުންތައް ވިއެވެ. ނުހަނު ފޯރިޔާއެކު، އެ ދެ މީހުން ދައްކަމުން ގެންދިޔައީ، އެ ދެ މީހުންގެ ވިޔަފާރި ފުޅާކުރުމާ ބެހޭ ވާހަކަތަކެވެ. އެ ދެ މީހުން ތިބީ، އެކަމަށްޓަކައި ރާވާފައިވާ މުސްތަޤުބަލުގެ ޕްލޭންތަކާ ބެހޭ ވަރުގަދަ ޑިސްކަޝަނެއްގެ ތެރެއަށް ގެއްލިފައެވެ.

މުސްކުޅިޔާ، އެ ދެ މީހުންނަށް ސަލާމް ގޮވާލިއެވެ. އެހިނދު އެ ދެ މީހުންނަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނަސް، އެދެމީހުން އޭނާގެ ސަލާމް ބަލައިގަތެވެ. އަދި ނުހަނު އިޙުތިރާމާއެކު އޭނާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. ދެން އެ ދެ މީހުންގެ ކައިރީގައި އިށީނަސް އެންމެ ރަނގަޅުތޯ އޭނާ އެހުމުން އެ ދެ މީހުން ޖަވާބުދިނެވެ.

ކަލޭގެފާނާއެކު އެއްތަނުގައި އިށީނުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް މަތިވެރި ޝަރަފެކެވެ. ކީއްތޯއެވެ. ކަލޭގެފާނުގެ ސާފު މޫނުފުޅު ފެނުމަކީ ވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. ނަމަވެސް، ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މަޝްޣޫލުވެގެން މިތިބީ، މުދަލާއި ވިޔަފާރީގެ ކަންކަމާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަޅުގަނޑުމެން ރާވަމުން ގެންދާ މަޝްރޫޢުތައް ކާމިޔާބުކުރާނެ ގޮތަކާމެދު މުނާޤަޝާ ކުރުމަށެވެ. މިކަންތައްތަކުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި އަޅުގަނޑުމެންނާއެކު، ކަލޭގެފާނު އިށީނދެވަޑައިގެންފިނަމަ، ކަލޭގެފާނަށް އަރާމު ނުކުރެއްވިދާނެތީ ވެސް ބިރުވެތިވަމުއެވެ. ... ރޭލުގައި އަޅުގަނޑުމެން މިތިބި ބަޔާ ޖެހިގެން އޮތްބަޔަށް ވަޑައިގެން ބައްލަވާށެވެ! އެބައިގައި ތިބި މީހުން، އެމީހުންގެ ތެރޭގައި ކަލޭގެފާނު އިށީންނެވުމަށް ނުހަނު ޝައުޤުވެރިވާނެއެވެ.

ދެން އެބަޔަށް ދިއުމަށްޓަކައި ހައިބަތުހުރި މުސްކުޅިޔާ ހިނގައިގަތެވެ. އެއީ ރޭލުގެ އެންމެ ފަހު ބަޔެވެ. އޭނާ އެބަޔަށް ދިޔައިރު އެބައިގައި ތިބީ ޢާއިލާތަކެވެ. ހުރިހައި ގޮނޑިތަކެއް ވަނީ ފުރިފައެވެ. އިށީންނާނެ އެއްވެސް ތަނެއް ނެތެވެ. އެހެންނަމަވެސް، އޭނާ އެބައިގައި ތިބި މީހުންނަށް ސަލާމްގޮވާލިއެވެ.

އެހިނދު، އެތަނުގައި ތިބި ޢާއިލާއެއްގެ ބަޔަކު، ސަލާމް ބަލައިގަނެ އޭނާއަށް މަރްޙަބާ ކިޔައި، ވަރަށް ބޮޑަށް ކަމޭހިތިއެވެ. އޭނާ އެމީހުންނާއެކު އިށީނަސް އެންމެރަނގަޅުތޯ އެހުމުގެ ކުރިން، އެ ޢާއިލާއިން އޭނާއަށް ޖާގަ ދިނެވެ. އެ ޢާއިލާގައި ތިބީ، ދެމަފިރިންގެ އިތުރުން ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.

އެކުދިންގެ މަންމައާއި ބައްޕަގެ އިޝާރަތަކަށް، ފިރިހެން ދެކުދިން އެއް ގޮނޑިއަކަށް ދިޔައެވެ. އަދި އަންހެން ދެކުދިން އަނެއް ގޮނޑިއަކަށް ދިޔައެވެ. މިގޮތުގެ މަތިން، ހައިބަތުހުރި މުސްކުޅިޔާ އިށީނުމަށް ވަރަށް ބޮޑު ޖާގައެއް އެ ޢާއިލާއިން އޭނާއަށް ތައްޔާރުކޮށް، އެތަނުގައި އިށީނުމަށް އޭނާގެ ގާތުން އެދުނެވެ. ދެން، މާތް ﷲ އަށް ޙަމްދުކުރުމަށްފަހު އޭނާ، އެތަނުގައި އިށީނދެއްޖެއެވެ. އޭރު އޭނާވަނީ، ރޭލުގެ ތެރޭގައި އިށީންނާނެ ތަނެއް ހޯދުމަށްޓަކައި ހިނގައި ހިނގައި ވަރުބަލިވެފައެވެ.

އާދަކާދައިގެ މަތިން، ރޭލު ދަތުރުކޮށްފައި ދާއިރު، ހުއްޓަން ޖެހޭ ތަންތަނަށް ހުއްޓައި، ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދެއެވެ. އެގޮތުގެ މަތިން، ފުރަތަމަ ރޭލު ހުއްޓި ތަނުން، ކާބޯތަކެތި ވިއްކާ ބަޔަކު އެޔަށް އެރިއެވެ. މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރު ކާބޯތަކެތި، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.

އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެއަށް އެރީ ހެދުން ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރީތި، އެންމެ މޮޅު ހެދުންތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.

އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެޔަށް އެރީ މީރުވަސްދުވާ ތަކެތި ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރުވަސްދުވާ ސެންޓާއި އެންމެ މޮޅު އަތަރުތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.

އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެއަށް އެރީ މާމެލާމެލި ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރީތި ކުލަކުލައިގެ މާތަކާއި، އެންމެ މީރުވަސް ދުވާ މާތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.

އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި ތަނުން، އެޔަށް އެރީ ފޮތް ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރަނގަޅު، އެންމެ ޢިލްމީ ފޮތްތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. އެ ފޮތްތަކުގެ ތެރޭގައި "އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ." މިނަން ކިޔުނު ފޮތާއި، "އިސްލާމްދީނަކީ، ރަޙުމަތުގެ ދީނެވެ." މިނަން ކިޔުނު ފޮތް ހިމެނެއެވެ. އޭގެ އިތުރުން އެބައިގައި ތިބި ކުޑަކުދިންނާއި ޒުވާނުންނަށް، އެތައް ފޮތްތަކަކާއި، އެތައް ނޫސް މަޖައްލާތަކެއް އޭނާ ގަނެދިނެވެ.

ޒުވާން އަންހެން ކުދިން ނެގީ، އެންމެ ފަހުގެ އިސްލާމީ ފެޝަންތަކާ ބެހޭ މަޖައްލާތަކާއި، އިސްލާމީ އުންމަތުގައި އަންހެނުންގެ ދައުރަކީ ކޮބައިކަން ބުނެދޭ ފޮތްތަކެވެ.

ޒުވާން ފިރިހެން ކުދިން ނެގީ، އެންމެ ފަހުގެ ޓެކްނޯލޮޖީއާ ބެހޭ މަޖައްލާތަކާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ފޮތްތަކެވެ.

އިސްލާމީ އުންމަތް ބައިބައިކޮށް ހަލާކުރަމުންދާ ހަރުކަށި ޚިޔާލުތަކާ ދެކޮޅަށް ލިޔެފައިވާ ފޮތްތައް ނެގި މީހުން ވެސް މަދެއް ނޫނެވެ. އަދި ޖިހާދު ކުރުމަކީ ހަތިޔާރު އަޅައިގެން މީސްތަކުންނާ ހަނގުރާމަ ކުރުން ނޫންކަމާއި، ދިރިއުޅުމަށްޓަކައި ގަދައަޅައި ކުރާ ކޮންމެ މަސައްކަތެއް ހެޔޮގޮތުގައި ކުރުމަކީ، ޖިހާދުކުރުންކަން ބުނެދޭ ފޮތްތައް ނެގި މީހުން ވެސް މަދެއް ނޫނެވެ.

ކޮންމެއަކަސް އެހުރިހައި އެއްޗެއްގެ އަގު ދެއްކީ، އެ ހައިބަތުހުރި މުސްކުޅިޔާއެވެ. އެތަކެތީގެ އަގަށްވާ ހުރިހައި ފައިސާއެއް ދިނީ އޭނާގެ އަމިއްލަ ޖީބުންނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.

ދިގު ދަތުރަކަށްފަހު، ރޭލު ދާންވީ ރަށަށް ވާޞިލުވެއްޖެއެވެ. އެހިނދު ރޭލުގައި ތިބި އެންމެން ޙައިރާންވިއެވެ. މުޅި ރަށް ޒީނަތްތެރި ކޮށްފައިވާލެއް ރީތިކަމުންނެވެ. އަދި މުޅި ރަށުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާލެއް ވެސް ފުރިހަމަ ކަމުންނެވެ. ރޭލު މަޑުކޮށްލުމުން، ފުލުހުންގެ މަތީ ދަރަޖައިގެ ބޭކަލަކު، ރޭލަށް އަރައި އެމީހަކު އިން ތަނެއްގައި މަޑުމަޑުން އިނުމަށް އެންގެވިއެވެ. އަދި ދަތުރުވެރިންނަށް ރޭލުން ފޭބުމުގެ ހުއްދަ ދެވޭނީ، ރަސްގެފާނުގެ ޚާއްޞަ މެހުމާނު ފައިބައިވަޑައިގެންނެވުމުން ކަން ވެސް އެންގެވިއެވެ.

ރަސްގެފާނުގެ ޚާއްޞަ މެހުމާނަކީ، އެއްކަލަ ހައިބަތުހުރި މުސްކުޅިޔާ ކަމުގައި މެނުވީ ނުވެއެވެ. ރަސްމީ ޢިއްޒަތުގައި، ރަސްގެފާނުގެ ފަރާތްޕުޅުން އޭނާ ބަލާ އަޔެވެ. އެހިނދު، އޭނާ ފައިބާނީ، އޭނާއަށް މަރުޙަބާ ކިޔައި، އޭނާއަށް ޖާގަ ދިން ޢާއިލާގެ އަފުރާދުންނާ އެކުގައި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް ދޭ ޢިއްޒަތާއި ޤަދަރު، އެ ޢާއިލާގެ އެންމެނަށް ދިނުމަށް ވެސް އޭނާ އެދުނެވެ.

ދެން ރަސްގެފާނު އެގޮތް ޤަބޫލުފުޅުކުރައްވައި، ހައިބަތު ހުރި މުސްކުޅިޔާއާ އެކުގައި، އެޢާއިލާގެ އަފުރާދުން، ރަސްމީ ޢިއްޒަތުގައި، ރޭލުން ރަސްގެފާނުގެ ގަނޑުވަރަށް ގެންދެވިއެވެ. އެ ޢާއިލާގެ އަފުރާދުން ރަސްގެފާނުގެ ގަނޑުވަރަށް ދިއުމުން، ގިނަގުނަ ހަދިޔާއާއި އަގުބޮޑު ތަކެތި އެމީހުންނަށް ދެއްވިއެވެ. އަދި ގަނޑުވަރުގެ އަގުމާތްވެގެންވީ އެތައް ކޮޓަރިއެއް އެމީހުންނަށް ދެއްވައި، އެތަންތަނުގައި އެބައިމީހުން ތިބޭނެހައި ދުވަހަކު ތިބުމަށް އެންގެވިއެވެ. އެ ގަނޑުވަރުގައިވާ ރީތި ބަގީޗާތަކާއި ފެންއާރުތަކާއި ހިތްފަސޭހަ ތަންތަނަށް ގޮސްއުޅުން ވެސް، އެބައިމީހުންނަށް ހުއްދަކުރެއްވިއެވެ.

ހައިބަތުހުރި މުސްކުޅިޔާއަށް ޖާގަދީ، އޭނާއަށް ކަމޭހިތި ޢާއިލާގެ އަފުރާދުންނަށް، ރަސްގެފާނުގެ ގަނޑުވަރުން ލިބުނު އަގުބޮޑު ހަދިޔާތަކާއި ނިޢުމަތްތަކުގެ ޚަބަރު ލިބުމުން، ރޭލުގައި ދަތުރުކުރި އެހެން މީހުން، ކުރިޔަށްވުރެ މާބޮޑަށް ދެރަވެ، ރޮއި ހިތާމަކުރިއެވެ. އެއީ، އެބައިމީހުންގެ ޙަޔާތުގައި ކުރި އެންމެ ބޮޑު ހިތާމަ ކަމަށްވިއެވެ. ނަމަވެސް، އޭރު ވަނީ ވަގުތު ފާއިތުވެގެން ގޮސްފައެވެ. ފުރުޞަތު މުޅީން ގެއްލިފައެވެ. އެއީ ހިތާމައަކުން އެއްވެސް ފައިދާއެއް ކުރާނެ ވަގުތެއް ކަމުގައި ނުވިއެވެ.
<><><>

ވާހަކަ މިހިސާބަށް ނިމުނީއެވެ. ނަމަވެސް، މި ރީތި ވާހަކަ ކިޔުމަށްފަހު، އަޅުގަނޑުމެން ކޮށްލަންޖެހޭ ސުއާލެއް އެބައޮތެވެ.
މިވާހަކައިގައި ނަންގަނެވުނު ހައިބަތުހުރި މުސްކުޅިޔާއަކީ ކާކުތޯއެވެ؟
މިވާހަކަ ފެށިއިރު، މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ވާހަކައެއް ކަމުގައި ދެންނެވީ، އެކަން އެހެން ވާންޖެހޭ ސަބަބުތަކެއް ވާތީއެވެ.
މިވާހަކައިގެ މަފުހޫމާއި މަޤުޞަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފި ކަމަށް އުންމީދުކުރަމެވެ.
ހައިބަތުހުރި މުސްކުޅިޔާއަކީ، ދީން ކަމުގައި މެނުވީ ނުވެއެވެ.

އަބަދުވެސް އިބްލީސް މަސައްކަތްކުރަމުން ގެންދަނީ، އަޅުގަނޑުމެން މަގުފުރެއްދުމަށްޓަކައެވެ. އަޅުގަނޑުމެން ދީނާ ދުރުކުރުމަށްޓަކައެވެ. ދީނުގެ އެއްވެސް ފައިދާއެއް ނެތްކަމަށް، އިބްލީސް އަޅުގަނޑުމެންނަށް ވަސްވާސް ދީފިނަމަ، އެވަސްވާހަށް އަޅުގަނޑުމެންނަކު ނުހެއްލޭނެއެވެ. އެހެންވެ، އިބްލީސް މަސައްކަތްކުރަނީ، ކޮންމެވެސް އެހެން ކަމެއްގައި އަޅުގަނޑުމެން މަޝްޣޫލުކުރުވައިގެން، އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ބަހަނާއެއް އުފައްދައިގެން، ދީނާ ދުރަށް ގެންދިއުމަށެވެ.

ކުޅެން ތިބި ކުޑަކުދީންނެވެ.
އެކުދީން ދީންދެކެ ލޯބިވެއެވެ. ނަމަވެސް އެކުދީންނަށް ދީނުގެ ކަންތައްތައް އޮޅުން ފިލާނީ، ތަންކޮޅެއް ބޮޑުވެ ތަޞައްރަފު ފުދުނީމައިތާއެވެ. މިހާރު އެކުދިންނަށް ދީން އޮޅުންފިލުވާ ނުދިނަސް އެންމެ ރަނގަޅުވާނެއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.

ސާނަވީ މަރްޙަލާގައި ކިޔަވަމުންދާ ދަރިވަރުންނެވެ.
އެކުދީން ދީންދެކެ ލޯބިވެއެވެ. ނަމަވެސް މިހާރު އެކުދީން އެއުޅެނީ އިމްތިޙާނުތަކަށް ފިލާވަޅު ދަސްކުރުމުގައި މަޝްޣޫލުވެގެންތާއެވެ. މަދުރަސީ ދައުރު ނިމުމަށްފަހު އެކުދީން ދީންވެރިވާނެއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.

ޒަވާޖީ ޙަޔާތް ފަށާ ދެމަފިރިންނެވެ.
އެ ދެމަފިރިން ދީންދެކެ ލޯބިވެއެވެ. ނަމަވެސް އެދެމަފިރިންގެ ހިތަށް އަރައެވެ. މިއީ އަހަރެމެންގެ ޒުވާން ޢުމުރުތާއެވެ. ޢުމުރުގައި އަދި ލައްކަ ދުވަސް އެބައޮތެވެ. އެހެންވީމާ، ދީންވެރިވާނީ އަދި ތަންކޮޅެއް ފަހުންނެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.

ޢުމުރުން ދެބައިވަމުންދާ މީހުންނެވެ.
އެމީހުން މިހާރު އެއުޅެނީ އެކިއެކި މަޝްރޫޢުތައް ފަށައިގެންނެވެ. ކާމިޔާބު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައެވެ. އެމީހުންނަކީ، ދީންދެކެ ލޯބިވާ، އަދި ދީންވެރިވުމަށް ޝައުޤުވެރިވާ ބަޔެކެވެ. ނަމަވެސް އެމީހުންގެ ހިތަށް އަރައެވެ. މިހާރު މިއުޅެނީ ވަރަށް އަވަދިނެތިއެވެ. މިކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއްނެރެ، މުއްސަނދި ވެވޭތޯއެވެ. މި އުންމީދު ޙާޞިލުވުމުން ދީނާމެދު ވަރަށް ބޮޑަށް ފަރުވާތެރިވާނަމުއެވެ. ޙަޔާތުގެ ބާކީ އޮތް ބައި، ދީންވެރި ކަމާއެކު ހޭދަކުރާނަމުއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.

ނަންގަނެވިދިޔަ ވިސްނުންތަކުގައި، ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުންދާއިރު، މާދަމާ އަންނާނެ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ނުވަތަ މާދަމާ އަންނައިރު، ތިމާ ވާނީ ކަށްވަޅުގައި ނޫންކަމެއް ވެސް ނޭނގެއެވެ.

ބަހަނާ ދެއްކުމަކީ، ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އަޅުގަނޑުމެންނަށް ޖެހިފައިވާ ބައްޔެކެވެ. "މިއަދު ކުރަންވީ ކަންތައްތައް މާދަމައަށް ފަސްނުކުރާށޭ" ބުނާ ހަރުބަސް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އަޅުގަނޑުމެން ހިތުގެ އަޑިން އެ ޙިކުމަތްތެރި ބަސް ޤަބޫލުކުރިނަމަވެސް، ޢަމަލީ ގޮތުން އެ ޙިކުމަތް ތަންފީޒެއް ނުކުރަމުއެވެ. މުސްތަޤުބަލް ބިނާކުރުމުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހެނީ މިކަމުގެ ސަބުންނެވެ. އަދި އާޚިރަތުގެ ކާމިޔާބާއި ނަސީބު ލިބުމުން މަޙުރޫމުވަނީ ވެސް މިކަމުގެ ސަބުންނެވެ.

ޢުމުރުގެ ދުވަސްތައް މާޒީވަމުންދާއިރު، އަޅުގަނޑުމެން ބުނަމުން މިގެންދަނީ، ކުރާނަމެވެ. މާދަމާ ކުރާނަމެވެ. ނުވަތަ މިވެނި ކަމެއް ކޮށް ނިމުނީމާ، އެވެނި ކަމެއް ކުރާނަމެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.
<><><>

މި ވާހަކަތަކަށްފަހު، އައްތަކާޘުރު ސޫރަތަށް ނަޒަރު ހިންގާލުން ހުއްޓެވެ. އެ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

أَلْهَاكُمُ التَّكَاثُرُ
(މުދަލާއި ދަރިން) ގިނަކަމަށް، އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ.

حَتَّى زُرْتُمُ الْمَقَابِرَ
ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާންދެނެވެ.)

كَلاَّ سَوْفَ تَعْلَمُونَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

ثُمَّ كَلاَّ سَوْفَ تَعْلَمُونَ
ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

كَلاَّ لَوْ تَعْلَمُونَ عِلْمَ الْيَقِينِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމަކުން ތިޔަބައިމީހުންނަށް އެނގޭނެ ނަމައެވެ.

لَتَرَوُنَّ الْجَحِيمَ
ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.

ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
ދެން ހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތާމެދު ތިޔަބައިމީހުންނާ ސުއާލުކުރައްވާނެކަން ކަށަވަރެވެ.
<><><>


ވާހަކައިގެ ނަން: قصة الشيخ الوقور وركاب القطار
އަޞްލު ލިޔުއްވީ: -
މަޞްދަރު: موسوعة الإعجاز العلمي في القرآن والسنة (ޤުރުއާނާއި ސުންނަތުގައިވާ ސައިންޓިފިކް އިޢުޖާޒުގެ އެކުމާފާނު)


ނޯޓް: މިވާހަކަ ތަރުޖަމާކޮށްފައިވަނީ، އަކުރުން އަކުރަކަށް ނޫނެވެ. އެކަމަކު، މިވާހަކަ ތަރުޖަމާކޮށްފައިވަނީ، ޖުމްލަ މާނައާއި ދޭހައަށް އިސްކަންދީގެންނެވެ.

އިތުރަށް ވިދާޅުވުމަށް......

١٣.٥.١٠

ޖިންނިއާއި އެކު ދެކެވުނު ވާހަކަ


އުންމު ރީމް

ތަރުޖާމާ: އުންމު ކުލްޘޫމް (جزاها الله خيرا)

10 މެއި 2010 - އަހަރެމެން ކީރިތި ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް ކިޔާ އެޤަބޫލު ކުރަމެވެ. އަހަރެމެންނަށް އޭގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފެނި ހެކި ނުވެވުނު ކަމުގައިވިޔަސް އަހަރެމެން އެއްވެސް ޝައްކަކާއި ނުލާ އެޤަބޫލު ކުރަމެވެ. ބައެއް ފަހަރު ﷲ ގެ ރަޙްމަތް ފުޅުން އަހަރުމެންނަށް، މިފަދަ ކަންތައްތައް ދެކި އަޑު އެހުމުގެ ނަސީބުލިބެއެވެ. އޭގެ ސަބަބުން އަހަރެމެންގެ ހިތުގެ ޘާބިތުކަން އިތުރުވާފަދަ ކަންތައްތަކެވެ. މިފަދަ ނިޢްމަތަކަށް އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. މިހެންކަމުން އަހަރެންނަށް ދިމާވި މިޙާދިޘާ ތިއަޚުންނާއި އުޚްތުންނާއި އެކު ޙިއްޞާ ކޮށްލާނަމެވެ. މިއީ ތިޔަ އަޚުންނާއި އުޚްތުންގެ އީމާންތެރިކަން އިތުރުކޮށްދޭނެ ފަދަ ހަދިޔާއެއްކަމަށް ވާނެކަމުގައި އުއްމީދު ކުރާ ޙާލުގައެވެ.

ފާއިތުވެދިޔަ މަހުގައި އަހަރެން ޕާކިސްތާނަށް ކުރިދަތުރެއްގައި ޖިންނި އަވަލާފައިވާ އަންހެން ކުއްޖަކަށް ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. އަހަރެން މިކަމުގެ ހުރިހާ ތަފްޞީލެއް ކިޔައިދޭކަށް ނެތީމެވެ. އަހަރެމެން އެތަކެއްޗާއި މެދު ގިނަގިނައިން އަޑުއަހާ ނަމަވެސް ދެކިފައިނުވާ، ﷲ ތަޢާލާގެ ޚަލްޤުތަކުގެ ތެރެއިންވާ މިޖިންނިއާއި އަހަރެންނާއި ދެމެދު ދެކެވުނު ވާހަކަ ތަކަކީ ޙިއްޞާކޮށްލުން ޙައްޤު ވާހަކަ ތަކެއްކަމުގައި ދެކެމެވެ. މިދެކެވުނު ވަހާކަތައް ދެކެވިފައިވަނީ އުރުދޫ އަދި ޕަންޖާބީ ބަހުންނެވެ. މިލިޔުމުގައި މިހިމަނާލަނީ ހުރިހާ ވާހަކަތައް ފުރިހަމަކޮށްނެއް ނޫނެވެ. ނަމަވެސް އޭގެ ބައިތަކެކެވެ.

އަހަރެން ބަންގިންނާއި ޤުރުއާނުގެ ބައެއް އާޔަތްތަކުން ފެށީމެވެ. އޭތި (ނުވަތަ އޭނަ) ދެކޮޅުހެދުން ހުއްޓާލާ އަހަރެންނާ ވާހަކަ ދެއްކުމަށް އެއްބަސް ކުރުވުމަށެވެ. އެއީ ސީތާ ކިޔާ އަންހެން ޖިންނިއެކެވެ. އޭނާ މުސްލިމް އަންހެން ކުއްޖަކަށް ހައެއް ނުވަތަ ހަތް އަހަރު ވަންދެން ގޯނާ ކޮށްފިއެވެ. އެއީ އޭނާ އަމިއްލަ އަށް ފެށިކަމެއް ނޫނެވެ. އެހެންނަމަވެސް މީހަކު ސިހުރު ހަދައިގެން އޭނާ މެދުވެރި ކުރުވީއެވެ. ނަޞޭހަތެއްގެ ގޮތުން އަހަރެން އެންމެ ފުރަތަމަ އޭނާއަށް އިސްލާމް ވުމަށް ގޮވާލީމެވެ. ކަންދިމާ ކުރިގޮތުން އެފަހަރަކީ މީހަކު އޭނާއަށް އިސްލާމްވުމަށް ގޮވާލި ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް ކުޑަ ސިހުމެއް ލިބުނެވެ.

ސީތާ: ”އަހަންނަށް މުސްލިމަކަށް ވެވޭނީ ކިހިނެއްހެއްޔެވެ.؟“

އަހަރެން: ”ނުވެވޭންވީ ކީއްވެހެއްޔެވެ؟ ކޮންމެ މީހަކަށްވެސް މުސްލިމަކަށް ވެދިދާނެއެވެ.“

ސީތާ: ”އެކަމަކު އަހަރެންނަކީ ވަރަށް ނުބައިނުލަފާ އެއްޗަކީމެވެ. އަދި އަހަރެން ވަރަށް ގިނަ ނުބައި ޢަމަލުތައްވެސް ކޮށްފައިވާނެއެވެ.“

އަހަރެން: ”އެއީކީ މައްސަލެއްނޫނެވެ. ކަލޭ އިޚްލާޞްތެރިކަމާ އެކު ތަޥްބާ ވެއްޖެނަމަ ކަލެއަށް ފާފަ ފުއްސަވާ ދެއްވަވާނެއެވެ. އަހަރެންގެ ރައްބަކީ ގިނަގިނައިން ފާފަފުއްސަވާ ދެއްވާ އިލާހެވެ.“

ސީތާ: ”އެކަމަކު އަހަރެންމީ ޤަރުނުތަކެއް ވަންދެން ހިންދޫ އެއްކަމުގައިވީ އެއްޗެކެވެ. މިހާރު އަހަންނަކަށް ބަދަލެއް ނުވެވޭނެއެވެ.“

އަހަރެން: ”އިސްލާމްދީނަކީ ޙައްޤުދީންކަން ކަލޭ ޤަބޫލުކޮށްފިނަމަ ހަމަޔަޤީނުންވެސް ކަލެއަށް ބަދަލުވެވޭނެއެވެ. ކަލޭ ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކޮށް އިސްލާމްދީނާއި ބެހޭގޮތުން އޮޅުން ފިލުވަންވީ ނޫންހެއްޔެވެ؟ ކަލެއަށް ނުލާހިކު އަވަހަށް، ދުރު ރާސްތާތަކަށް ދަތުރުކުރުމުގެ ބާރު ލިބިގެން ވޭނޫންހެއްޔެވެ؟ މިކަން ހޯދާ ބަލައިފިނަމަ ކަލޭފަދަ ޖިންނީން (އެހެންނަމަވެސް މުސްލިމް) ފެންނާނެއެވެ. އެމީހުންނާއި ވާހަކަދައްކާ އަހާބަލަށެވެ. އެމީހުން ކަލެއަށް ދަސްކޮށްދޭނެއެވެ.“

ސީތާ: ”އާ، އަހަންނަށް އިނގެއެވެ. (މުސްލިމް ޖިންނީންގެ) ބޮޑެތި ޤާފިލާ ޤާފިލާތައް އަހަރުމެންގެ ކައިރިންލާފައި ދެއެވެ. އަހަރުމެން އެތަކެއްޗަށް މަލާމަތްކޮށްހަދާ އުޅެމެވެ.“

سبحان الله! އެނާ މިހެން ބުނުމުން ހަމަހަޤީޤަތުގައިވެސް އަހަރެން ވަރަށް އަޖައިބުވިއެވެ. އެކަމުން އަހަރެންގެ ހަނދާނަށް އައީ ޖިންނި ސޫރަތުގެ ފުރަމަ އާޔަތެވެ.

”قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا“
”ކަލޭގެފާނުވިދާޅުވާށެވެ! ޖީންނީންގެ ތެރެއިން ބަޔަކު (ޤުރުއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ (އެބައިމީހުންގެ ޤައުމުގެ މީހުންނަށް) އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖައިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމެވެ.“
(ސޫރަތް އަލްޖިން - 1)

އަހަންނަށް ސިފަވެގެންދިޔައީ ޖިންނީންގެ ބައިގަނޑެއް، އަދި މިހާރުވެސް އެމީހުން ޤާފިލާތަކުގައި ދަތުރުކުރަމުންދާ މަންޒަރެވެ.

އަހަރެން: ”ކަލޭމެން އުޑުތަކަށް އަރާ މަލާއިކަތް ބޭކަލުން ދައްކަވާ ވާހަކަފުޅު އަޑުއެހުމަށް މަސައްކަތް ކުރާއި ކަލޭމެންނަށް މަލާއިކަތް ބޭކަލެއް ފެނިފައި ނުވޭހެއްޔެވެ؟“

ސީތާ: ”އާނ، އެބޭކަލުން އަހަރެމެންނާއި ދިމާލަށް ހިލަ އުއްކަވައެވެ. އަހަރެންގެ ގައިގައި އެހިލަތަކުން އެތައް ފަހަރަކު ޖެހިފައިވެއެވެ. އޭގެން ހިލަޔަކުން ޖެހި އަހަރެންގެ އަތްވެސް ބިންދައިގެން ގޮސްފައިވެއެވެ.“

ހިނދުކޮޅަކަށް އަރެންގެ ވިންދު ހުއްޓުނު ކަހަލައެވެ. އަހަރެންގެ އަމިއްލަނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އުޑާދިމާލަށް ބަލަން ގަނޑުވެފައި ސިކުންތުކޮޅަކަށް ހުރެވުނެވެ. އުޑުގެ މަތީގައި، ﷲ ތަޢާލާގެ ވަރުގަދަ ފާރަވެރިން ކަމުގައިވާ މަލާއިކަތުން، އެއުޑުތައް ދިފާޢުކޮށް ހިމާޔަތް ކުރުމުގައި ދެމިތިއްބަވައެވެ. އެބޭކަލުން ގިނި ހިލަތައް (ސީތާ ބުނިފަދައިން) އެއުޑުތަކަށް އެރުމަށް މަސައްކަތް ކުރާ ޝައިޠާނުންނާއި ދިމާއަށް އުއްކަވައެވެ. ޤުރާނުގައި އަންގަވާފައިވާ ގޮތަށް އެއްވެސް ތަޢާރުޟު ވުމެއް ނެތިއެވެ.

”وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا . وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَنْ يَسْتَمِعِ الآنَ يَجِدْ لَهُ شِهَابًا رَصَدًا“
”އަދި ތިމަންމެން އުޑުގެ ޚަބަރު ހޯދަން އުޅުނީމެވެ. ފެހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ މަލާއިކަތުންނާއި، ގިނަހިލަތަކުން ފުރިފައެވެ. އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެއަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނަހިލައެކެވެ.“
(ސޫރަތް އަލްޖިން: 8-9)
”إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ . وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ . لا يَسَّمَّعُونَ إِلَى الْمَلإ الأعْلَى وَيُقْذَفُونَ مِنْ كُلِّ جَانِبٍ . دُحُورًا وَلَهُمْ عَذَابٌ وَاصِبٌ . إِلا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ“
”ހަމަކަށަވަރުން، ތިމަންއިލާހު އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނެއްގެ ކިބައިން އެއުޑު ރައްކާތެރިކުރެއްވީމެވެ. މަތިވެރިވެގެންވާ ޖަމާޢާތުން ދައްކަވާ ވާހަކަފުޅަށް (އެބަހީ: މަލާއިކަތުން ދައްކަވާ ވާހަކަފުޅުތައް) އަޑުއެހުމަކަށް އެޝައިޠާނުންނަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި ހުރިހާ ފަރާތަކުން އެޝައިޠާނުންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެއެވެ. ބޭރުކޮށް ފައްސާލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ ޢަޛާބު އެބައިމީހުންނަށް ހުއްޓެވެ. ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފިނަމަ، ޝައިޠާނަކު މެނުވީއެވެ. ފަހެ، އެޝައިޠާނާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުއްޓެވެ.“
(ސޫރަތް އައްޞާއްފާތު: 6-10).

ﷲ ގަންދީ ހުވާކޮށްބުނަމެވެ. މިބަސްތައް މީހަކަށް އަޑުއިވިއްޖެ ނަމަ، ފަހެ އެމީހެއްގެ ލޮލުން ކަރުނަތައް ފުރި އޮހޮރިގެން ނުދާންވީ އެއްވެސް ސަބަބެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. އުފާވެރިކަމުގެ ކަރުނަތަކެވެ. ފުދިގެންވާ އުފާވެރިކަމެއްގެ ހިތްހަމަޖެހުމެވެ. سبحان الله! ޣައިބުގައިވާ (ލޯތަކަށް ވަންހަނާވެގެންވާ) ކަމެއްގެ ވާހަކަ އެކަން ދެކިފައިވާ އެކަންތައްތަކަށް އީމާންނުވާ އެކަން ޤަބޫލު ނުކުރި އެއްޗެއްގެ ދުލުންކިޔާދެވުނު ހިނދެވެ. އަދި މިވާހަކަ އަޑުއަހާމީހާއަށް ކުރާނެ އަޘަރާއިމެދު ފިކުރު ހިންގާލުމެއްވެސް ނެތިއެވެ. ހަމައެކަނި އަހަންނެއް ނޫނެވެ. އަހަރެން ދުނިޔޭގައި ދިރި ހުރިހާ ހިނދަކު އަހަރެންގެ ފަރާތުން މިވާހަކަ އަޑު އަހާނޭ ކޮންމެ މީހެކުވެސް މެއެވެ.

އަހަރެންނާއި މިޖިންނިއާއި ދެމެދު ދެކެވުނު ވާހަކައިން، އޭނާއަކީ ސިކުންގެ ތެރެއިންވީ އެއްޗެއްކަމާއި، އޭނާ، (މިހާރުމަރުވެފައިވާ) ހިންދޫ (ފިރިހެން) ޖިންނިއަކާ ކައިވެނިކޮށް އޭތީގެ ދީނަށް ބަދަލު ވީކަން އެގުނެވެ. އަދި އޭނާ ޤަބޫލު ކުރީ ފިރިމީހާގެ ދީނަކީ އޭނާގެވެސް ދީން ކަމެވެ. އަދި އޭނާއަކީ މަރުވެފައިވާ ނުބައިމީހެއްގެ ފުރާނަކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރިއެވެ. މީގެ ކުރިން އޭނާއާއި ދިމާވި އެންމެންނަށް ވެސް މިފަދައިން ބުނެ އޮޅުވާލަމުން ގެންދިޔައެވެ. އެހެންނަމަވެސް އަހަރެން އޭނާ ހަދަމުން ދިޔަ ދޮގުތަކަށް ރައްދުދޭން ފެށުމުން އޭނާ އަދި މަރުނުވާކަމަށް އެއްބަސް ވިއެވެ.

އޭނާ މިކަމާއި (އަހަރެން އޭނާއަށް ހުށައެޅި ކަންތައްތަކާއި) މެދު ވިސްނުމަށް ފުރުޞަތު ދިނުމަށް އޭނާ އަހަރެން ގާތުގައި އެދުނެވެ. އެހެން ނަމަވެސް އަހަރެން އޭނާއަށް މަރާއި ޤިޔާމަތް ދުވަހާއި ބެހޭގޮތުން ހަދާން ކޮށްދިނުމުން، ޢާއްމުގޮތެއްގައި އެސޮރުމެން ބުނަމުން އަންނަ ބުނުމެއް އޭނާވެސް ބުންޏެވެ. ”އަހަރެމެން އުފެދިފައިވަނީ އަލިފާނުން ކަމުގައިވާއިރު، އަލިފާނުން އަހަރުމެންނަށް ޢަޛާބު ދެވޭނީ ކިހިނެއް ހެއްޔެވެ؟“; އެކިފަހަރުމަތިންވެސް އޭނާ ބުނީ އޭނާގެ ދީން ބަދަލުކުރުމަށް ބޭނުން ނުވާ ވާހަކައެވެ. އެންމެ ފަހުން އޭނާގެ އަޞްލު ޙަޤީޤަތާއި ޠަބީޢަތް ހާމަކޮށްދޭ ފަދަ ބުނުމެއް އޭނާ ބުންޏެވެ.

”ﷲ އީ ޚާލިޤުކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އެއިލާހު ކުރިމަތީގައި ސަޖިދައެއް ނުކުރެވޭނެއެވެ.“

لا حول ولا قوة إلا بالله ހަމަ އެދެކޮޅު ހެދުމެވެ. އެބޮޑާކަމާއި ކިބުރުވެރިކަމެވެ. އިބިލީހަށް، ﷲ އީ އޭނާގެ ޚާލިޤުކަން ޔަޤީންވާ ޙާލުގައި ވެސް ސަޖިދަ ކުރުމަށް ދެކޮޅު ނުހަދާ ހެއްޔެވެ؟

”...فَسَجَدُوا إِلا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ“
”ފަހެ، އިބިލީސް ފިޔަވައި، އެމަލާއިކަތުން ސަޖިދަ ކުރެއްވިއެވެ. އެކަލޭގެ އަކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ.“
(ސޫރަތް އަލްބަޤަރާ - 34)

ކަލޭ ތިކަންތައް ކުރަނީ ހަމަ ކަލޭމެންގެ ސާހިބާ އިބްލީސް ކަންތައް ކުރިގޮތަށޭ އޭތި ކައިރީ ބުނުމުން އޭނާ ޖަވާބުގައި ބުންޏެވެ.

”އަހަރެމެން އެންމެންނަކީ އެއް ޠަބީޢަތެއްގެ ބައެކެވެ.“ (أعوذ بالله)

މިކަންތައްތަކުން އަހަރެންނަށް ވިސްނުނީ މިސޮރުމެންނަކީ ދެނެގަތުމުގެ ބާރުދަށް ދެކޮޅުހެދުން ގިނަ ބައެއްކަމުގައެވެ. އަދި ﷲ ތަޢާލާގެ މުޢުޖިޒާތްތައް ކުރިމަތިން ފެނުމުންވެސް އީމާންވުމަށް ދެކޮޅުހަދާ ބައެއް ކަމުގައެވެ. އަނެއްކޮޅުން ބަލާއިރު އިންސާނުންނަށް މިޖިންނިތަކަށް ފެންނަ ކަންތައްތައް ނުފެންނަ ހިނދުގައިވެސް އެބައިމީހުންނަށް ވަނީ ދެނެގަތުމުގެ ބާރުގެ ބަރަކާތްތެރިކަން ލިބިފައެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ތެދުކަން ދެނެގަތުމަށާއި ބަލައިގަތުމަށް، ދިރިހުރި މުޢުޖިޒާތެއް ކަމުގައިވާ ޤުރުއާނާއި އެހެނިހެން ބުއްދިޔާއި ސަބަބުތަކާއި ގުޅުން ހުރި ހެކިތައް އިންސާނުންނަށް ލިބިފައިވަނީ މިސަބަބާއިހުރެއެވެ. އެހެންނަމަވެސް އިންސާނާ ދެކޮޅުހަދާނަމަ (އެކަމެއްގެ ސަބަބުން ބޮޑާކަމާއި ދެކޮޅުހެދުމަށް މެދުވެރިކުރާ) މިދެނެގަތުމުގެ ބާރުގައިވަނީ ކޮން ފައިދާ އެއްހެއްޔެވެ.

ޝައިޠާނާގެ ޢަމަލެއްކަމުގައިވާ ދެކޮޅުހެދުމާއި ބޮޑާކަމުން، އަހަރުމެން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.

އިބިލީހާއި ބެހޭގޮތުން އޭނާ އިތުރުރަށް ބުނިގޮތުގައި، އިބިލީސް އަތުގައި ފެންމަތީގައިވާ ތަޚްތެއް ވެއެވެ.

ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ.

”އިބިލީސް އޭނާގެ ތަޚްތު ފެންމަތީގައި ބޭންދިއެވެ. ދެން އޭނާ އޭނާގެ މަންދޫބުން އެކިތަންތަނަށް ފޮނުވައެވެ...“ (މުސްލިމް: 5023)

އިބިލީސް އެމީހުންގާތުގައި ތިމަން ޤިޔާމަތް ދުވަހުގައި ތާޖެއް އަޅާނޭކަމަށްވެސް ބުނެފައިވެއެވެ. އަދި ޙައްދެއްނެއް ހެޔޮ ޖަޒާއާއި ނިޢްމަތް ތަކާއިމެދު ވަޢްދުވެފައިވާކަމަށް އޭނާ ބުންޏެވެ.

”ކަލޭގެ ރައްބު ކަލެއަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއި މެދު ވަޢުދުވެވޮޑިގެންފައިވެއެވެ. އަދި އަހަރެމެންގެ އިބިލީސް ވެސް އަހަރުމެންނަށް ހެޔޮޖަޒާއާއި ނިޢްމަތްތަކާއިމެދު ވަޢްދުވެފައިވެއެވެ.“

ހަމަކަށަވަރުން އޭނާގެ (އިބިލީހުގެ) ވަޢުދަކީ ދޮގުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފަދައިންނެވެ.

”وَقَالَ الشَّيْطَانُ لَمَّا قُضِيَ الأمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلا أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ مَا أَنَا بِمُصْرِخِكُمْ وَمَا أَنْتُمْ بِمُصْرِخِيَّ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِي مِنْ قَبْلُ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ“
”އަދި ކަންތައްތައް ނިޔާކުރާހިނދު، ޝައިޠާނާ ބުނާނެއެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ ޙައްޤު ތެދު ވަޢުދެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަން ކުޅަ ވަޢުދާ ޚިލާފުވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވާލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރުވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.“
(ސޫރަތް އިބްރާހީމް - 22)

އަދި ހަމަޔަޤީނުންވެސް ޝައިޠާނާ، އޭނާއަށް ހެއްލެނިވެގެންވީ މީހުންނަށް ފުރަގަސްދޭނެއެވެ.

”كَمَثَلِ الشَّيْطَانِ إِذْ قَالَ لِلإنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ“
”ޝައިޠާނާގެ މިޘާލުގައެވެ. އެކަލޭގެ އިންސާނާއަށް ކާފިރުވާށޭ ބުނިހިނދެވެ. ފަހެ، އެއިންސާނާ ކާފިރު ވީހިނދު އެ ޝައިޠާނާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ވަރީއަވެގެންނެވެ. ހަމަކަށަވަރުން، ޢާލަމްތަކުގެ ވެރި ﷲއަށް ތިމަން ބިރުގަންނަމެވެ.“
(ސޫރަތް އަލްހަޝްރު - 16)

އިބިލީހުގެ ރީތި ކަމާއި މެދު އޭނާގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް ވިއެވެ. އޭނާ ތަކުރާރުކޮށް އިބިލީހަކީ ހާދަ ރީތި އެއްޗެކޭ ބުނަމުން ދިޔައެވެ. (أعوذ بالله منه) އަދި ވަރަށް ނުބައިމީހަކު ދައްކާނެ ފަދަ ވާހަކަތައް އެނާ ދެއްކިއެވެ. އަހަރެން އެވާހަކަތައް މީގައި ނުހިމަނާނަމެވެ.

އެޖިންނި އަވަލާފައިވާ އަންހެން ކުއްޖާއަށް ސިހުރު ހަދާފައިވަނީ އޭނާގެ މައްޗަށް އޮތް ހަސަދަވެރިކަމަކާއި ގުޅިގެން އެއަންހެން ކުއްޖާގެ ގާތްތިމާގެ މީހެކެވެ. ﷲ ގަންދީ ބުނަމެވެ. އެދުވަހު އޭނާގެ މައްޗަށް އަހަރެން ފަލަޤް ސޫރަތް ކިޔަވަމުން ގޮސް އެސޫރަތުގެ ފަހު އާޔަތާއި ހަމަޔަށް ކިޔެވުމުން އަހަންނަށް އިޙްސާސް ވަމުންދިޔައީ އެއީ އަހަރެންގެ ޙަޔާތުގައި އެންމެފުރަތަމަ ފަހަރަށް އެއާޔަތް ކިޔެވި ފަހަރުކަމަށެވެ. އެއާޔަތުގެ މާނަ އަހަންނަށް ފުރިހަމަޔަށް ތަޞައްވުރު ވަމުން ދިޔަކަހަލައެވެ. ”އަދި ހަސަދަ ވެރިވާ ހިނދު ހަސަދަ ވެރިޔާގެ ނުބައިކަމުންނެވެ.“

ހަސަދަވެރިކަމުން ނިކުމެދާނެ ނަތީޖާ އަހަރެންނަށް ފެންނަމުން ދިޔައެވެ. ހަސަދަ ވެރިވާ މީހާގެ ނުރައްކައުތެރިކަމާއި ބިރުވެރިކަން އަހަރެންނަށް ފެންނަމުން ދިޔައެވެ. (أعوذ بالله) އެދުވަހު އަހަރެންނަށް، ނުބައި ލޯތަކުންނާއި ހަސަދަވެރިންގެ ކިބައިން ރައްކާތެރި ވުމަށް ކުރާ ދުޢާއާއި ހެދުނާއި ހަވީރުގެ ޛިކުރުތަކުގެ މުހިއްމުކަން ވިސްނުނެވެ.

އަހަރެންނަށް މިޙާދިޘާގެ ކުރިން އެނގިފައިވާ ޖިންނީންގެ ވާހަކަތަކެއްވެސް ހިމަނާލާނަމެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ބިލާލް ފިލިޕްސްގެ ފޮތްތަކުންނާއި، ޝައިޚް ޔާސިރް ޤާދީގެ އަޤީދާ ކްލާސްތަކުން އަހަރެންނަށް އެގިފައިވާ އަދި، ސީތާ އާއި ދެކެވުނު ވާހަކަތަކުން ޔަޤީންކަން އިތުރުވި ވާހަކަތަކެވެ.

އޭނާއަށް (ސީތާއަށް) އެއަންހެން ކުއްޖާ ދޫކޮށްލެވޭނީ އޭގެ ބަދަލުގައި އެހެން މީހެއްގެ މައްޗަށް ބާރުފޯރުވާގޮތަށް ކަމުގައި ބުންޏެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ.

”މީހުންނަށް ގޯނާ ކުރުމަކީ އަހަންނަށް ހިތްހަމަޖެހުމާއި މަޖާކަން ލިއްބައިދޭ ކަމެކެވެ.“ ( أعوذ بالله)

އޭނާ، އޭނާގެ މައްޗަށް ސަމާލުކަން ލިބުމަށް ބޭނުންވެއެވެ. އެނާ އެހާ ވާހަކަ ގިނަ ކުރީވެސް އެސަބަބާއި ހުރެއެވެ. ކޮންމެއަކަސް އޭނާއަކީ ވަރަށް ގިނަ ގޮތްގޮތުން (އޭނާއަށް ވީވަރަކުން) އޮޅުވާލާ މަކަރު ހެދުމަށް މަސައްކަތް ކުރި ދޮގުވެރިއެކެވެ.

އެއަންހެން ކުއްޖާ ފާޚާނައިގައި ވަނިކޮށް އޭނާ އެކުއްޖާގެ މައްޗަށް ވަރަށް ބޮޑަށް ގަދަވެގެންފައިވެއެވެ. ތެދުތެދަށް ބުނާނަމަ އެވާހަކަތަކުން ގިނަވާހަކަ ތަކަކީ ވަރަށް ބިރުވެރި ވާހަކަތަކެވެ. އަހަރެން އެވާހަކަތަކެއް ނުހިމަނާނަމެވެ. އަހަރެންގެ އިޚްލާޞްތެރި ނަޞޭހަތަކީ ފާޚާނާއަށް ވަންނަ ހިނދުގައި ކިޔާ ދުޢާ ކިއުމަށް އެއްގޮތަކަށްވެސް ހަނދާން ނައްތާ ނުލުމެވެ.

މިވާހަކަތަކުގެ އިތުރުން އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަހުރިހާ އެންމެނަށްވާ ނަޞޭހަތެއް ހިމަނާލާނަމެވެ. ﷲ އާއި މެދު ވަރުގަދަ އީމާން ތެރިކަމެއް ބޭއްވުމާއި އެއިލާހަށް ހަމައެކަނި ތަވައްކަލް ކުރުމަކީ ޝައިޠާނާއާއި ދެކޮޅަށްވާ ވަރުގަދަ ހަތިޔާރެކެވެ. އަހަރެންނަށް އެއަންހެންކުއްޖާ ހުއްދަ ދީފިނަމަ، އޭނާއަށް އެޖިންނި ގޯނާ ކުރަން ފެށިއިރު އޭނާ އުޅެމުންއައި ގޮތާއި ފަހުން އޭނާގެ އީމާންތެރިކަން އިތުރުވުމުގެ ސަބަބުން އެޖިންނި ބަލިކަށިވެފައިވާ މިންވަރާއި މެދު އަހަރެން ތިއަޚުންނާއި އުޚްތުންނަށް ކިޔައިދިނުމަށް ބޭނުމެވެ.

އެރިވެތި (ހެދުނާއި ހަވީރުގެ އަދި އެހެނިހެން) ދުޢާތަކާއި ޛިކުރުތަކަކީ ހަމަކަށަވަރުންވެސް މުއުމިނުންގެ ކިއްލާއެކެވެ. ތެދުތެދަށް ބުނާމަ (ﷲ ގެ ޢިޛްނަފުޅާއިއެކެ) ހަމައެކަނި އަހަރެމެންނަށްވާ ދިފާޢުއަކީ މިއީއެވެ. އެކަމަކު އެކަންތައްތައް އެއީ އަހަރެމެންނަށް ލިބޭ ބާރަކަށްވާހުށީ ފުރިހަމަ ޔަޤީންކަމާއި ވަރުގަދަ އީމާންތެރިކަމާއެކު (އިޚްލާޞްތެރިކަމާއެކު) އެދުޢާތައްކޮށް ޛިކުރުތައް ކުރުމުންނެވެ.

ނަމާދަށް ފަރުވާތެރިވެ ޤުރާއާން ކިޔަވާ ހަދާށެވެ. ޤުރާއާން ކިޔަވާ ހެދުމަށް ހަނދުމަނެތި ކޮށްނުލާށެވެ. ސަބަބާކައި ހުރެ ނުކިޔެވޭނަމަ ކޮންމެ ދުވަހަކުވެސް ގޭގައި ޤުރުއާން ޖަހާފައި ބަހައްޓައިގެން އަޑު އަހާށެވެ. ގެއިން ނިކުންނަމުންނާއި ގެއަށް ވަންނަމުން ކުރަންޖެހޭ ޛިކުރުތައް ދޫކޮށް ނުލާށެވެ. (އެއީ ޝައިޠާނުންނަށް ތިބާއާއިއެކު ގެއަށް ވަނަ ނުދިނުމަށްޓަކައެވެ.) ކެއުމުގެ ކުރިން ﷲ ގެ ނަންފުޅު ގަތުމާއި، ފާޚާނާއަށް ވަނުމުގެ ކުރިން ކިޔާ ދުޢާއާއި، ޚާއްޞަކޮށް ނިދުމުގެ ކުރިން ކުރާ ޛިކުރުތައް މަތިން ހަދާން ނައްތާ ނުލާށެވެ. އިންސީންނާއި ޖިންނީންގެ ތެރެއިންވާ އެންމެހައި ޝައިޠާނުންގެ ފިތުނައާއި ނުބައިކަމުން، ﷲ ތަޢާލާ، އަހަރެމެން ސަލާމަތް ކުރައްވާށިއެވެ! އަހަރެމެންގެ އަނބިދަރިންނާއި ޢާއިލާއާއި އެންމެހާ މުސްލިމުން ރައްކާތެރި ކުރައްވާންދޭވެ!

އެންމެ ފަހު އަދި އެންމެ މުހިއްމު ވާޖިބެއްކަމުގައި ދެކެނީ އަހަރެންނަށް މިކަންތައްތައް އޮޅުންފިލުވާދީ އުގަންނާއިދީ މިކަންތައްތައް ކުރަންވީގޮތް ކިޔާދީ ހެއްދެވުމަށް އެބޭފުޅާގެ އަގުހުރި ވަގުތުތައް ހޭދަކުރެއްވިކަމަށްޓަކައި، ﷲ تعالى ޙަޟްރަތުން ޝައިޚް ޔާސިރް ޤާދީއަށް ހެޔޮޖަޒާދެއްވުމަށް އެދި ދުޢާކުރުމެވެ.

g of my post. And here is the rest of it.

އިތުރަށް ވިދާޅުވުމަށް......
 

© 2008 Filaavalhu,Republic Of Maldives
E-mail:filaavalhu@gmail.com
Free Web Counter