١٢.٧.٠٩

ޙައްދުޖެހުމާއި ދެކޮޅަށް ވާހަކަ ދައްކަނީ ދީނުގައި އެކަންތައް އޮންނަގޮތް ނޭނގޭތީ


ޖަޒީރާ ޑެއިލީ

ޒިނޭ ކުރުމުން ޙައްދު ޖެހުން ރާއްޖޭގައި ހުއްޓާލުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ސަރުކާރަށް ގޮވާލަމުން ދިއުމާއި އަދި ބައެއް މީޑިއާތަކުން ޙައްދު ޖެހުމާއި ދެކޮޅަށް ތަފާތު ލިޔުންތައް ލިޔަމުންދާ ދިއުން، ދީނީ ޢިލްމުވެރިން ކުށްވެރިކުރައްވައިފިއެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝޭޙް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިފަދަ ވާހަކަތައް އެފަދަ ފަރާތްތަކުން ދައްކަމުން ދަނީ އިސްލާމް ދީނުގައި ކަންތައްތައް އޮންނަގޮތް ނޭނގޭތީކަމަށާއި ދީނުގައި އޮންނަނީ ހަމަހަމަކޮށް ޝަރީޢަތް ކުރުމަށް ކަމަށެވެ. އަދި އިންސާނީ ޙައްޤުތަކޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކަމުން ދާއިރު އިރާޤާއި، ފަލަސްތީނާއި އަފްޣާނިސްތާނު

ފަދަ ޤައުމުތަކުގައި މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަނެ ކުށެއް ނެތް މުސްލިމުން މަރަމުން ދާއިރު އެވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

މިހާރުވެސް 200އަށްވުތެ ގިނަ އަންހެނުންގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމް ކުރަން ޖެހިފައިވާއިރު ޝޭޚް ޝަހީމް ވިދާޅުވީ ކަންތައްތައް މިހިސާބަށް ދިޔައީ މާޒީގައި ކަންތައްތައް ކުރެވިފައިވާ ގޮތުންކަމަށާއި އަހަރެމެންގެ އަޚްލާޤީ މިންގަނޑާއި ދީނީ ކަންތައްތައް ގޮސްފައިވާ ދަރަޖައިގެ ސަބަބުން ކަމަށެވެ. ނަމަވެސް އިޞްލާޙުގެ މަގުން ކަންތައްތައް ގެންދިއުމަށް ކުރެވެން ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެ ބައިވެރިވެފައިވާ ބައެއް މުޢާހަދާތަކުގެ ސަބަބުން އަނިޔާ ކުރުމާއި ލާއިންސާނީ ޢަމަލްތައް މަނާކުރާކަމަށް އެމްނެސްޓީން ބުނާއިރު ރާއްޖޭގެ ޤާނޫނު އަސާސީގެ 10ވަނަ މާއްދާގެ ހ، އާއި ށ އަށް ރިޢާޔަތް ކުރައްވަމުން ޝޭޚް ޝަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމި ދީން ކަމަށާއި އެމްނެސްޓީން އެކަމަށް ގޮވާލިނަމަވެސް ރާއްޖޭގައި ޙައްދު ޖެހުން ހުއްޓާލަން ނުޖެހޭ ކަމަށެވެ. އަދި ދީނުގެ ބައެއް ޙުކުމްތައް ރާއްޖޭގައި ތަންފީޒު ނުކުރުމަކީ އަނެއްބައިކަންތައްވެސް ދޫކޮށްލަންޖެހޭ ކަމެއް ނޫންކަމަށް ޝޭޚް ޝަހީމް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝޭޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ މިއީ މާތް ﷲ ކިރިތީ ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން އީމާންވާ މީސްތަކުންގެ މައްޗަށް އަންގަވާފައިވާ ޙުކުމެއް ކަމަށާއި މިކަމާއި ދެކޮޅު ހެދޭނެ އެއްވެސްގޮތެއް ނެތް ކަމަށެވެ. "ޙުކުމް ޤާއިމް ކުރަން މިޖެހެނީ އީމާންވާ މީސްތަކުންގެ މައްޗަށް، ޙަޤީޤަތުގައި މިމީހުންގެ މަޤްޞަދަކީ ކޮންމެހެން އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމެއް ނޫން. މިމީހުންގެ މަޤްޞަދަކީ އިސްލާމް ދީނާއި ޤުރުއާނަށް ފުރައްސާރަކުރުން، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ޒިނޭ ކުރުން މިހާ އާއްމުވެފައިވާތީ، ދެން އެ ވިދާޅުވަނީ ރާއްޖޭގައި އިސްލާމީ ޝަރިޢަތުގެ އެހެން ޙުކުމްތައް ތަންފީޒެއް ނުކުރެއޭ. ޙަޤީޤަތުގައި އެހެން ޙުކުމްތައްވެސް ތަންފީޒު ކުރަން ޖެހޭނެ. ނަމަވެސް އެއް ކަންތައް ނުކުރެވުނީމަ އޭގެ މާނަ އަކީ އަނެއް ކަންތައް ދޫކޮށްލާށެކޭ ނޫން" ޝޭޚް ޢަބްދުﷲ ވިދާޅުވިއެވެ.

ޒިނޭ ކުރުން ފަދަ ފާޙިޝް ޢަމަލް ތަކުން ދުރުވެ، އިސްލާމީ ރިވެތި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުން ބިނާކުރުމުން ޙައްދު ޖެހުމުގެ ވާހަކަ ދައްކަން ނުޖެހޭނަކަމަށް ޝޭޚް ޢަބްދުﷲ ވިދާޅުވިއެވެ.

ދެ ފަހަރެއްގެ މަތިން ދެ ފިރިހެނަކާއި ޒިނޭކުރިކަމަށް 18 އަހަރަގެ އަންހެންކުއްޖަކު އިޢުތިރާފު ވުމާއި ގުޅިގެން މިމަހުގެ 5ވަނަ ދުވަހު އެކުއްޖާ ގައިގައި 100 އެތިފަހަރުން ތަޢުޒީރު ކުރުމުން އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި އެމްނެސްޓީ އިންޓަރނޭޝަނަލް އިންވެސް ދަނީ ޙައްދު ޖެހުން އެއީ ލާއިންސާނީ ޢަމަލެއް ކަމުގައި ބުނެ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.

0 comments:

 

© 2008 Filaavalhu,Republic Of Maldives
E-mail:filaavalhu@gmail.com
Free Web Counter